އައި.ޕީ.ސީ.ސީ ގެ މުހިންމު ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންފި
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) ގެ 2027 ވަނަ އަހަރުގެ މެތޮޑޮލޮޖީ ރިޕޯޓް އެކުލަވާލުމަށް ބޭއްވި "ސެކަންޑް ލީޑް އޮތަރ މީޓިންގ" (އެލް.އޭ.އެމް 2) ގައި ރާއްޖޭގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ މޫސުމީ މާހިރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މެކްސިކޯގެ މެކްސިކޯ ސިޓީގައި ބޭއްވުނު މި ބައްދަލުވުމަކީ ގައުމީ ފެންވަރުގައި ގްރީންހައުސް ގޭސް ދެނެގަތުމަށް (އިންވެންޓްރީޒް) ބޭނުންކުރާނެ "ކާބަން ޑައިއޮކްސައިޑް ރިމޫވަލް ޓެކްނޮލޮޖީސް" އަދި "ކާބަން ކެޕްޗަރ، ޔޫޓިލައިޒޭޝަން އެންޑް ސްޓޯރޭޖް" (ސީ.ސީ.ޔޫ.އެސް) އާ ގުޅޭ މެތޮޑޮލޮޖީ ރިޕޯޓް އެކުލަވާލުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ މޫސުމީ މާހިރުން އެއްތަންވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، އެކި ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރާއި، ޖައްވުން އެފަދަ ގޭސްތައް މަދުކުރެވޭ މިންވަރު ވަޒަންކުރުމާއި އެކަމުގެ ރިޕޯޓް ތައްޔާރުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ މިންގަނޑުތައް އެކަށައަޅައި ކުރިއެރުވުމެވެ.
މި ރިޕޯޓް އެކުލަވާލުމުގައި ރާއްޖޭގެ އިސް ފަންނީ ބޭފުޅަކު ހިމެނިވަޑައިގަތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު ފާހަގަވެގެންދާ ކަމެކެވެ. 2027 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ މި ރިޕޯޓަކީ ދުނިޔޭގެ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކަށް އެކުލަވާލެވޭ ވަރަށް މުހިންމު އިރުޝާދީ ލިޔުމަކަށް ވެގެންދާނެއެވެ.
