މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
15 އޮގަސްޓު 2026 ގައި މާލޭގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި މަސްވެރިކަމުގައި ޙަރަކާތްތެރިވާ 44 ފަރާތެއް ބައިވެރިވެފައިވެއެވެ. މިއީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން މާލޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ.
މަސްވެރިންގެ ގުންޒަރުގެ ނަމުގައި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށާއި ތަރައްޤީކުރުމަށް މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މިގޮތުން މިއަދު ބޭއްވުނު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ރަވާއި، ހިންގާ، ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، މިކަމާ ގުޅޭގޮތުން މަސްލަހަތުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މިބައްދަލުވުމުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތު މަސްވެރިކަން މެނޭޖްމަންޓްކުރުމުގެ އިތުރުން، މި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށާއި، މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެއެވެ.
ބައްދަލުވުން ހުޅުއްވައިދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އިސްމާއިލް އަޒްމީ އަދްނާން ވިދާޅުވީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް މަޤުބޫލުވަމުން އަންނަ މަލްޓިބިލިއަން ޑޮލަރ އިންޑަސްޓްރީއެއް ކަމަށް ވާއިރު، ދިވެހިރާއްޖެއަކީ ވެސް ސްޕޯޓްސް ފިޝިންގ އަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވެމުން އަންނަ ޤައުމެއް ކަމަށެވެ. އަދި މި މަސްވެރިކަން ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
