އަލްއުސްތާޛު އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް!
އަލްއުސްތާޛު އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ދިވެހި ސަރުކާރުން އަރުވައިފިއެވެ.
ދިވެހި ދައުލަތުގެ ފަރާތުން އަރުއްވާ އެންމެ މަތީ ޝަރަފުތަކުގެ ތެރެއިން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް އަރުވައިފިއެވެ. މި ޢިއްޒަތް ދިވެހި ސަރުކާރުގެ ފަރާތުން އަރުވާފައިވަނީ ހއ އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ދައުތަލަށް 41 ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޚިދުމަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ މާސްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އޭގެފަހުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އިސް މަޤާމުތައް ހިމެނެއެވެ. 2001 ވަނަ އަހަރު ދައުލަތުން ވަކިވެވަޑައިގަތުމަށް ފަހު, 12 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވައި, މިހާރުވެސް ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޙް އިސްވާރުގެ މަޤާމު ކަށިމާ އަޙްމަދު ޝާކިރު ދެންވަނީ ފުރުއްވަމުންނެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އަލްއުސްތާޛު އަޙްމަދު ޝާކިރު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކިފަހަރުމަތިން ވަޒަން ކުރައްވައި، އެކަމުގެ ޝަރަފު އަރުވައިފައެވެ. އޭގެ ތެރޭގައި ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި, ނޫސްވެރިކަމަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިހިގަލަން, ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހިމެނެއެވެ. އަދި މީގެއިތުރުން، 2025ވަނަ އަހަރު، ޔޫ.އޭ.އީ.ގެ ޝާރުޖާގެ އިންސްޓިޓިއުޓް ފޮރ ހެރިޓޭޖުން އިންތިޒާމް ކުރައްވައިގެން ބޭއްވެވި، ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި ރާވީގެ މަގާމު ހާސިލު ކުރައްވައި، ޝާރުޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު މުޙައްމަދު ބިން ސުލްޠާން އަލްޤާސިމީގެ އަތްޕުޅުން ފަޚުރުވެރި އެވޯޑްވެސް ވަނީ، ޝާކިރު ހާސިލު ކުރައްވައިފައެވެ.
