logo
banner image

ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި.

ޣާޒީ ބަންޑާރައިންގެ ހާނދާންތައް ދިރުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި މަޝްރޫއަކީ މިދިޔަ އަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްުޒު އިޢުލާން ކުރެއްވި މަޝްރޫޢު އެކެވެ.

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ފަރުމާކުރެވިފައިވަނީ އެތަކުރުފާނުގެ ތާރީޚީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި 6 ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ.

1448 ވަނަ އަހަރުގެ ޤައުމީ ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރާ އިރު, ޣާޒީ ބަންޑާރައިންގެ ހާނދާންތައް ދިރުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ "ވާހަކަ ވައު" ގެ ސިފައިގައި ގެނެސްދިނުމަށް ވަނީ ތަރައްޤީ ކުރެވިފައެވެ. މިއީ އެވާހަކައިގެ މަންޒަރުތައް ބޯޑުތަކެއްގެ އެހީގައި އެޖިހާދުގެ އަސަރުތަކާއި ހަނދާންތަކަށް މީހާގެ ިވސްނުން ގެންދާ ގޮތަށް ފަރުމާކޮށްފައިވާ ވާހަކަވަލެކެވެ. މިއަދު ފާހަގަކުރަމުން މިދާ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި މި "ވާހަކަ ވައު" ރަސްމީކޮށް ހުޅުވުމަށް ވަނީ ތާވަލުކޮށްފައެެވެ.

ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރެއްވުމަށް ހއ. އަތޮޅުގައި ޚާއްޞަ ޤައުމީ މަޝްރޫޢެއް ކުރިޔަށްގެންދަވާއިރު، މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.