ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 22 ޕިކަޕް ހަވާލުކޮށްފި
އަތޮޅުތެރޭގެ ރަށްތަކާއި އާބަން ސެންޓަރުތަކުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފުޅާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް 22 އުޅަނދެއް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ވެމްކޯއާ ހަވާލުކޮށްފައިވަނީ ރަށްރަށުގައި ބޭނުންކުރުމަށް ހާއްސަ 10 "ރަށު ޕިކަޕް" އާއި، 350 ކިލޯގެ މުދާ އުފުލޭ 12 ޕިކަޕް ޓްރަކެވެ. މި އުޅަނދުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ހޯދާފައިވާ ވަސީލަތްތަކެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި މީހުން ދިރިއުޅޭ މައި ސަރަހައްދުތަކުގައި ވެމްކޯގެ ހިދުމަތް ފެށުމަށާއި، މިހާރު ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އުޅަނދުތައް ބޭނުންކުރަން ފެށުމާއެކު، ރަށްރަށުގެ މަގުތަކުންނާއި ގޭބިސީތަކުން ކުނި އުފުލުމުގެ މަސައްކަތް މިހާރަށްވުރެ ހަލުވިވެ، ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ ވެމްކޯގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ ދާއިމީ ނިޒާމެއް ގާއިމުކުރުމެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ވަސީލަތްތައް ރަށްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
