logo
banner image

ކ. ގުރައިދޫ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފި

ކުއްލި ހާލަތެއްގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީން ކުރުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ތަމްރީން ކ. ގުރައިދޫގައި ފަށައިފިއެވެ.

ގުރައިދޫ ކައުންސިލާ ގުޅިގެން އެންޑީއެމްއޭ ގުޅިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީންގައި ކައުންސިލްގެ ބޭފުޅުންނާއި ރަށުގައި ހިމެނޭ މުއައްސަސާތަކާއި އެކި ދާއިރާތަކުން 30 ވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.

ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ނުވަތަ ސާޓަކީ ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަ ދިނުމަށް ރަށު ފެންވަރުގައި ތަމްރީން ކުރާ ބައެކެވެ. ސާޓް ތަމްރީން ފުރިހަމަ ކުރާ ބޭފުޅުން ކުއްލި ހާލަތުގައި ހަރަކާތްތެރިވާނީ ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އިރުޝާދުގެ ދަށުންނެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ ރަށު ފެންވަރުގައި ކުއްލި ހާލަތެއްގައި ތަމްރީންވެފައި ތިބި ފުރަތަމަ އިޖާބަދޭ ބޭފުޅުން ހުރިހާ ރަށެގައިވެސް ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު ކ. ގުރައިދޫގައި ބޭއްވި މި ތަމްރީން ފަދަ އިތުރު ތަމްރީންތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ސާޓް ތަމްރީނަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ، އަދި ހޭލުންތެރި މަޖުތަމައެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) ޕްރޮގްރާމްގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.