logo
banner image

މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ގުޅޭ މަހާސިންތާ

މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމަށްޓަކައި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ މަހާސިންތާއެއް ފެށިއްޖެއެވެ.

އޯގަސްޓް މަހުގެ 12 ން 13 އަށް ކުރިއަށް ގެންދެވޭ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އަދި ދައުލަތުގެ މުއައްސަސާތަކުގެ ހަރުދަނާކަން އިތުރުކުރުމެވެ. މީގެ އިތުރުން، މި މަހާސިންތާގައި މަސައްކަތުގެ މާޙައުލުގައި ދިމާވާ ނަފްސާނީ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ވެރިންގެ ދައުރު ފުޅާކުރުމަކީ ވެސް މި މަހާސިންތާގެ މުހިންމު އަމާޒެވެ.

މިއަދު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް %60 މީހުން ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވަމުންދާއިރު، ކޮންމެ މަސައްކަތްތެރިއަކަށްމެ ރައްކާތެރި، ދުޅަހެޔޮ އަދި އެހީތެރި މަސައްކަތުގެ މާހައުލެއް ފަހިވެފައި އޮތުމަކީ އިންސާނީ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މަސައްކަތަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެއީ އިންސާނާގެ ކަރާމާތާއި، އިޖުތިމާޢީ ގުޅުންތަކާއި، އަމިއްލަ ނަފްސުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އަސާސީ ބިންގަލެކެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލަކީ އުފެއްދުންތެރިކަން އިތުރުކޮށްދޭ، ކެތްތެރިކަން ދަސްކޮށްދޭ، އަދި މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެފައިވާ ތަނަކަށް ވާންޖެހެއެވެ.

"ނަފްސާނީ ޞިއްޙަތު" މި ބަސް އިވުމުން ގިނަ ފަހަރަށް ވިސްނެނީ ހަމައެކަނި ބަލިތަކާ މެދުގައެވެ. ނަމަވެސް، މިއީ އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ބަލަންޖެހޭ ކަމެއްކަން ބައިވެރިންނަށް ކިޔައިދެވުނެވެ. މީހަކު ވިސްނާ ގޮތާއި، އިޙްސާސްތައް ބައްޓަންވާ ގޮތުގެ އިތުރުން، ދިރިއުޅުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ނަފްސާނީ ދުޅަހެޔޮކަން ބޮޑު ދައުރެއް އަދާކުރެއެވެ. ޚާއްޞަކޮށް، ވަޒީފާގެ ޒިންމާތައް އަދާކުރުމާއި، މައްސަލަތައް ޙައްލުކުރުމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މުވައްޒަފެއްގެ ނަފްސާނީ ދުޅަހެޔޮކަމަކީ ކާމިޔާބީގެ އަސްލުކަމުގައި މި މަހާސިންތާގައި އަލިއަޅުވާލާފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ނަފްސާނީ ބަލިމަޑުކަމާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް މުޅި ދުނިޔެއިން ގެއްލިގެންދެއެވެ. މިއީ އިޤްތިޞާދީ ގޮތުން ބަލާއިރު، އުފެއްދުންތެރިކަމުން އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ އުނިވުމެކެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަމަށް ހީނަރުކަން އައިސް، މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ފޯރާކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ

2021ވަނަ އަހަރު ކުރެވުނު "ސްޓެޕްސް ސާރވޭ" އިން ހާމަވާގޮތުގައި، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ޢަލާމަތްތައް ތަޙައްމަލުކުރާ މީހެކެވެ.

މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަސައްކަތުގެ މާޙައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ނުތަނަވަސްކަމާއި، ވަޒީފާގެ ރައްކާތެރިކަން ނެތުން ފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. މިއީ މުޖުތަމަޢާއި މުއައްސަސާތަކުން ނުހަނު ބޮޑު ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މި މަހާސިންތާގައި ފާހަގަކޮށްފައިވެއެވެ.

މިފަހަކަށް އައިސް މަސައްކަތުގެ މާޙައުލުގައި ސްޓްރެސް، ހާސްކަން، އަދި "ބާންއައުޓް" ނުވަތަ މަސައްކަތުގެ ބުރަކަމުން ނަފްސާނީ ގޮތުން މީހާ މުޅިން ވަރުބަލިވުން ފަދަ މައްސަލަތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިފަދަ ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ، މުވައްޒަފުން ވަޒީފާއަށް ނުނިކުތުން އިތުރުވުމާއި، ވަޒީފާ ދޫކޮށްދާ މުވައްޒަފުންގެ އަދަދު ގިނަވުމުގެ އިތުރުން، ޓީމުގެ މޯރަލް ދަށްވެ، މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި އެއްބާރުލުން ކުޑަވެގެންދާނެ ކަމަށް މާހިރުން ލަފާދެއެވެ.

މީގެ އިތުރުން، އުފެއްދުންތެރިކަމާއި ނަތީޖާ ހާސިލުކުރުމުގައި އިންސާނުންގެ ނަފްސާނީ ޤާބިލުކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން މި މަހާސިންތާގައި ވަނީ ފާހަގަކޮށްފައެވެ. ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަންދީ، އެކަމަށް މުވައްޒަފުން ހޭލުންތެރިކުރުވިއްޖެނަމަ، މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުވެ، އޭގެ ސަބަބުން މުޅި މުއައްސަސާގެ އުފެއްދުންތެރިކަން ކުރިއަރައިގެންދާނެ ކަމަށްފަހަގަކުރެއްވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުގެ ސަބަބުން، ވަޒީފާގެ މާހައުލުގައި ދިމާވާ ނަފްސާނީ ގޮންޖެހުންތައް ހިއްސާކުރަން ގިނަ ބަޔަކު ފަސްޖެހޭކަންވެސް މި މަހާސިންތާގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކު ޤަވާއިދުން ވަޒީފާއަށް ނުކުމެ، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމައި، ޒިންމާތައް އަދާކުރަމުން ދިޔަ ނަމަވެސް، އެ މަސައްކަތް ކުރަމުންދަނީ ނަފްސާނީ ބޮޑެތި އުނދަގޫތަކާއެކުގައެވެ

މިފަދަ މައްސަލަތަކުގައި ހަނުހުރުމަކީ ހައްލެއް ނޫންކަމަށާއި، ނަފްސާނީ އެހީތެރިކަން ވީހާވެސް އަވަހަށް ލިބުނުވަރަކަށް، އޭގެ ނަތީޖާ ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، މުވައްޒަފުންނަށް އެއްވެސް ބިރުވެރިކަމެއް ނުވަތަ އުނދަގުލެއް ނެތި އެހީތެރިކަމަށް އެދެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރުމަކީ މުއައްސަސާތަކުން އަމަލީގޮތުން ކުރަން މަޖުބޫރު، ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި މި މަހާސިންތާގައި ވަނީ ފާހަގަކުރިއެވެ.

މަހާސިންތާގައި ވާހަކަދެއްކެވި ތަޖްރިބާކާރުން ފާހަގަކުރެއްވި ގޮތުގައި، މަސައްކަތުގެ މާޙައުލުގެ ސަގާފަތް ބައްޓަންކުރުމުގައި މުއައްސަސާތަކުގެ އިސްވެރިންގެ ދައުރު ވަރަށް ބޮޑެވެ. އެކަށީގެންވާ ސިޔާސަތުތަކާއި ވަސީލަތްތައް ހުރުމަކީ މުހިންމު ކަމެއް ނަމަވެސް، އެންމެ މުހިންމު ކަމަކީ އިސްވެރިން އަމަލުކުރާ ގޮތް ކަމަށް މި ބައްދަލުވުމުގައި ބަޔާންކުރިއެވެ. މުވައްޒަފުންގެ އަޑުއަހާ، އަޅާލުމާއި ހަމްދަރުދީ އިސްކުރާ ވެރިއެއްގެ ސަބަބުން މުވައްޒަފުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭނެއެވެ. އަދި އިސްވެރިން ނަފްސާނީ ދުޅަހެޔޮކަމަށް އަމަލީގޮތުން އިސްކަންދެއްވާނަމަ، މުޅި ޓީމުގެ އުފެއްދުންތެރިކަން އިތުރުވެ، އެކަކު އަނެކަކަށް އެއްބާރުލުންދޭ ހަރުދަނާ މާޙައުލެއް ބިނާވެގެންދާނެކަން މަހާސިންތާގެ ބައިވެރިން ފާހަގަކުރިއެވެ.

މީގެ އިތުރުންވެސް، މަހާސިންތާގެ ބައިވެރިން އަމަލީ ގޮތުން ކުރެވޭނެ ކަންތައްތަކެއް މަހާސިންތާގައި ކަނޑައެޅިގެންދާނެއެވެ. މިގޮތުން އަހަރު ދުވަހަށް ތާވަލް ކުރެވިގެން އެ މުއައްސަސާއެއްގައި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭނެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރެވޭނެ ގޮތްތަކެއް ރޭވިގެންދާނެއެވެ. އަދި މި ރޭވޭކަންތައްތައް ތަންފީޒުކުރެވޭ މިންވަރު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ވަނީ ރޭވިފައެވެ.

މި މަހާސިންތާއަކީ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސާރވިސް ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރ، އަދި މެންޓަލް ހެލްތު އެވެއާރނަސް ފައުންޑޭޝަންގެ ފަންނީ ބޭފުޅުން މި މަހާސިންތާގައި ސެޝަންތައް ނަންގަވައިދެއްވިއެވެ މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ ސަރުކާރުގެ އެކިވުޒާރާތަކާއި އިދާރާތަކުގެ އިތުރުން، އަތޮޅުތަކުގެ ކައުންސިލް އިދާރާތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނެވެ.