logo
banner image

ށ. ފުނަދޫގެ ތަރައްޤީއާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ކައުންސިލާ މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސްވެރިން މިއަދު ށ. ފުނަދޫ ކައުންސިލާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުނަދޫގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތަކާއި، އެ މަސައްކަތްތައް އަވަސްކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ރަށުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ލޭންޑްސްކޭޕިންގ މަސައްކަތްތަކާއި، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ފަރުކޮޅުފުށި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ފަރުކޮޅުފުށި މޮނިޓަރ ކުރުމަށް އިތުރު ރޭންޖަރުން އައްޔަންކުރުމަށާއި، އެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ އާ އުޅަނދެއް ހޯދުމާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަދެކެވިފައެވެ.

މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި ރަށްރަށުގެ ތަރައްޤީއަށް ދޭ އިސްކަމުގެ ދަށުން، ކައުންސިލުން ހުށަހެޅި ކަންކަމަށް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަނީ ދީފައެވެ.