ނެޓް މީޓަރިންގ ގަވާއިދު 2026 އިޞްލާޙުކުރުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން "ނެޓް މީޓަރިންގ ގަވާއިދު 2026" އިޞްލާޙުކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުން މިއަދު މީރުމާ ހޯލުގައި ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ "ނެޓް މީޓަރިންގ ގަވާއިދު 2026" ގެ ދެލިކޮޕީ އިޞްލާޙުކޮށް ފައިނަލް ކުރުމުގެ ކުރިން، އެކަމުގައި ޝާމިލްވާ ދާއިރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ޔުޓިލިޓީ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަމިއްލަ ސެކްޓަރުގައި މަސައްކަތްކުރާ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މި ގަވާއިދު ތަންފީޛު ކުރުމުގައި ދިމާވެދާނެ ޢަމަލީ އަދި ފަންނީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގަވާއިދު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ. މީގެ އިތުރުން، އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި، ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
