އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފި
ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފިއެވެ.
މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ އިޝްތިހާރުކުރުމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހުރި ތަންތަނާއި އަގުތައް ބަލާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އަގުމަގު ޕޯޓަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ކިޔުއާރު (QR) ކޯޑު ސްކޭންކޮށްލައިގެން ނުވަތަ ރަޖިސްޓްރީވުމަށް ޚާއްޞަކުރެވިފައިވާ ލިންކު (https://agumagu.trade.gov.mv/store-onboarding) މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެއެވެ.
ވިޔަފާރިވެރިން މި ޕޯޓަލްއާ ގުޅިވަޑައިގަތުމަކީ، ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ ގިނަ އަދަދެއްގެ ކަސްޓަމަރުންނާ ހަމައަށް ފިހާރައިގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
