މިނިސްޓަރ، 10 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި
ވިލާ ކޮލެޖާއި އެ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައި.އާރް.އައި) ގުޅިގެން އިންތިޒާމުކުރި "10 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" (އައި.ސީ.އެސް.އާރް.އައި) 2026 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.
އައި.ސީ.އެސް.އާރް.އައި އަކީ ކޮންމެ އަހަރަކު އެއްފަހަރު ވިލާ ކޮލެޖުގެ އައި.އާރް.އައި އިން މާލޭގައި ބާއްވަމުން އަންނަ ދިރާސީ ކޮންފަރެންސެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސަކީ އިލްމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސިނާއީ މާހިރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މެދުގައި އިޖުތިމާއީ އައު އީޖާދުތަކާ ގުޅޭ ތަފާތު ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ފަހިކޮށްދޭ މުހިންމު މަންސައެކެވެ.
މީގެ އިތުރުން، މި ކޮންފަރެންސަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމާއި، އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމުގެ އިތުރުން، ޒިންމާދާރު ގޮތެއްގައި ޓެކްނޮލޮޖީ ބޭނުންކުރުން ފަދަ މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ ފުރުސަތެކެވެ.
