logo
banner image

ބ. ތުޅާދޫ ސަގާފީ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަނާއި އޮނިގަނޑުގެ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، މައި އިމާރާތުގެ އިބްތިދާއީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ބިންގަނޑު އެއްވަރުކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކޮންކްރީޓް މަސައްކަތުގެ 11 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.

ކެފޭ އިމާރާތުގެ މަސައްކަތްތަކަށް ބަލާލާއިރު، ބިންގަނޑު އެއްވަރުކުރުމުގެ 50 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ އިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ 1 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޖުމްލަގޮތެއްގައި މި މުޅި މަޝްރޫއުގެ 4.08 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މިވަގުތު މައި އިމާރާތުގެ ބީމްތަކުގައި ދަގަނޑު އެޅުމާއި ފިލާޖެހުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކެފޭ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ. 

ބިންގަނޑު ތައްޔާރުކުރުމުގެ ބޮޑު ބައެއް ނިމި، ދެ އިމާރާތުގެ ވެސް ސްޓްރަކްޗަރގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާތީ، މަޝްރޫއުގެ މަސައްކަތްތައް ބާރުމިނެއްގައި ދަނީ ކުރިއަށެވެ.