logo
banner image

މި އަހަރުގެ 2 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

މި އަހަރުގެ 2 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ.

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ ކޯހެކެވެ. މިއީ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ދެވަނަ ކޯހެވެ.މި އަހަރުގެ ފުރަތަމަ ކޯސް ޖެނުއަރީ މަހު ވަނީ ކުރިއަށްގެންގޮސްފައެވެ.

ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި އަސާސީ މެރިކަލްޗަރ ކޯސް ކުރިއަށްދާނީ 08 އޮގަސްޓް އިން 20 އޮގަސްޓް ގެ ނިޔަލަށެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި އެކު، ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.

ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ.