ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ނ. ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރި މި ޕާކު ހުޅުވައިދެއްވީ މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިންއެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)، އާރްޑީސީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ އިތުރުން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗްގައި 14 ރަށް އަދި ދެވަނަ ބެޗްގައި 32 ރަށް ހިމެނެއެވެ.
