ނައިފަރު ކައުންސިލްގެ "ނައިބޮލި މަދަހަ މުބާރާތް 2026 ނިންމުމުގެ ރަސްމިއްޔާތު, ވަޒީރު ހީނާ ޝަރަފުވެރިކޮށްދެއްވައިފި.
ފާދިއްޕޮޅު ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ނައިބޮލި މަދަހަ މުބާރާތް 2026"ގެ ނިންމުމުގެ ރަސްމިއްޔާތު، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ނައިފަރުގެ މަލްޓި ޕާރޕަސް ހޯލްގައި ރޭ ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ މުބާރާތުގެ ބައިވެރިންގެ ތެރެއިން ވަނަވަނަ ހާސިލް ކުރި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
ޖުމްލަ 382 ބައިވެރިންގެ ހުނަރުވެރި ހުށަހެޅުން ފެނިގެން ދިޔަ މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަނީ މިފަދަ ކާމިޔާބު މުބާރާތެއްގެ އިނާމުދިނުމުގެ ހަފްލާއަށް ވަޑައިގެންެނެވުމަށް ދައުވަތު ލިބިވަޑައިގެންނެވިކަމާ މެދު އުފާފުޅުކުރައްވައި, އެކަމަށް ޓަކައި ނައިފަރުކައުންސިލަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ދިވެހި އަދަބިއްޔާތަށް މުއްސަނދި ޚިދުމަތްތަކެއް ކުރައްވާފައިވާ ނައިފަރު ހުތް ޢަލީދީދީއާއި ފަޟީޟަތުއްޝެއިޚް މަރްޙޫމް ޢަބްދުﷲ ޖަލާލުއްދީން ފަދަ ބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރައްވާ ވަޒީރު ވިދާޅުވީ, އަދަބީ މި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަކީ އަދުގެ ޖީލުގެ ޒިންމާއެއް ކަމަށެވެ.
"އަންނަން އޮތް ޖީލުތަކަށް މިތަރިކަ ރައްކާތެރިކަމާއެކު ގެންގޮސްދީ، އަޅުގަނޑުމެންގެ ބަސް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ ޤައުމިއްޔަތު ކުރިއަރުވާ އަލާކޮށް ދިރުވުމަކީީ އަޅުގަނޑުމެން ހުރިހާ އެންމެންނާވެސް ގުޅި ލާމެހިފައިވާ ވަރަށް މުހިންމު ޒިންމާއެއް" ވަޒީރު ހީނާ ވިދާޅުވިއެވެ.
2022 ވަނަ އަހަރުން ފެށިގެން ނައިފަރު ކައުންސިލްގެ ފަރާތުން މެދުނުކެނޑި ބާއްވަމުން ގެންދާ މި މުބާރާތަކީ ނައިފަރު ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު މުބާރާތެކެވެ. އެގޮތުން މިއަހަރުވެސް ސްކޫލް ދަރިވަރުންނާއި, އިސްރަށްވެހީން ހިމެނޭހެން, 24 ވަކި ވަކި ހުށަހެޅުމާއި 36 ގުރޫޕު ހުށަހެޅުން ވަނީ ފެނިގެން ގޮސްފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ, "އަލިމަސް ކެޓެގަރީ"ގެ މަދަހަތައް ވެސް މި މުބާރާތުގައި ވަނީ ހުށަހަޅާފައެވެ.
