ޓެކް4ނޭޗަރ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ ސާމާނު ހަވާލުކޮށްފި
ދެކުނު އަރިއަތޮޅުގެ "މެރިން ޕްރޮޓެކްޓެޑް އޭރިއާ" (SAMPA) ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ކުރިއަށްގެންދާ 'ޓެކް4ނޭޗަރ މޯލްޑިވްސް' މަޝްރޫޢުގެ މުހިންމު މަރުޙަލާއެއް ފުރިހަމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ ޚާއްޞަ އިކުއިޕްމަންޓްތައް މިހާރު ވަނީ އެ ސަރަޙައްދުގެ ރޭންޖަރުންނާ ހަވާލުކޮށްފައެވެ. މި ސާމާނުތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޢަމަލީ ތަމްރީނުތައް ރޭންޖަރުންނަށް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިއީ ރޭންޖަރުން އެ ސާމާނުތަކަށް އަހުލުވެރިކުރުވައި، ފީލްޑް އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދެކުނު އަރިއަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރުމެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގައި އުޅޭ، ދުނިޔޭގެ ފެންވަރުގައި ނެތިދިއުމުގެ ބިރު އޮތް ފެހުރިހީގެ އާބާދީ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

'ޓެކް4 ނޭޗަރ' މަޝްރޫޢަކީ ހުއާވޭ (Huawei) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (IUCN) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެންނެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ޚާއްޞަކޮށް ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަސައްކަތެކެވެ.
