މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ނިންމާލައިފި
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، ކާމިޔާބުކަމާއިއެކު މިއަދު ނިންމާލައިފިއެވެ.
މި ސިމްޕޯސިއަމް ކުރިއަށް ދިޔައީ މި މަހުގެ 4 އިން 5 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ.

މި ސިމްޕޯޒިއަމް ސިލްސިލާގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސް ގެ ދާއިރާ ކުރިއެރުވުމެވެ. މެރިން ސައިންސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުން ކަމުން މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ނުހަނު އަގުހުރި ފުރުސަތެކެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މިސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ.
މިސިމްޕޯސިއަމްގައި ޖުމްލަ 47 ދިރާސާއެއް ހުށަހަޅަފައިވެއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ފިހަރުގެ ސިމްޕޯޒިއަމްއަށް ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިފައިވަނީ ފަސް ދާއިރާއަކަށެވެ. މި ދާއިރާތަކަކީ: 'ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް'، 'ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ'، 'ސީ ޓާޓަލްސް އިކޮލޮޖީ، 'ހެލްތް އެންޑް ކޮންޒަރވޭޝަން'، 'ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ'، އަދި 'ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް' އެވެ. މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައްވެސް ހުށަހަޅާފައިވެއެވެ.
