logo
banner image

އުކުޅަހުގައި 5 ޓަނުގެ އައިސްޕްލާންޓު އެޅުމަށް ސޮއިކޮށްފި

ފަރުމަސް ވެރިކަމަށް ހާއްއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓު އއ. އުކުޅަހުގައި އެޅުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އއ.އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައެވެ.

އުކުޅަހުގައި ގާއިމުކުރާ 5 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓްލިމިޓެޑްގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިގްބާލްއެވެ.

މިއީ ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ. މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި އެޅުމަށް ހަމަޖެހިފައިވަނީ 5 ޓަނުގެ އައިސްޕްލާންޓެކެވެ. މި މަސައްކަތް ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެއެވެ.

ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.