އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ އެސެމްބްލީގެ 31 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
ޖެމެއިކާގެ ކިންގްސްޓަންގައި ޖުލައި މަހުގެ 27 އިން 31 އަށް ކުރިއަށްދިޔަ އިންޓަރނޭޝަނަލް ސީބެޑް އޮތޯރިޓީ (އައި.އެސް.އޭ) އެސެމްބްލީގެ 31 ވަނަ ސެޝަންގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ފަރާތުން ލީގަލް ކައުންސެލް އަލްއުސްތާޛާ ފަޒީލާ އޭ. ޝަހީމް ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، އައި.އެސް.އޭ އާއެކު މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް އޮބްޒާވަރުންގެ ދަރަޖަ ދިނުމާ ގުޅޭ ޑްރާފްޓް ގައިޑްލައިންތަކާއި، ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓަށް މެންބަރު ގައުމުތަކުން ދެއްވާފައިވާ އިޖާބައާއި، މާލީ އަދި ބަޖެޓާ ގުޅޭ ކަންކަމުގެ އިތުރުން "އެންޓަޕްރައިޒް" އާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކާ ގުޅޭ އުސޫލުތައް ދޭތެރެ ދޭތެރެއިން މުރާޖައާ ކުރުމާ ބެހޭގޮތުންނާއި، މުހިންމު ހުށަހެޅުމަކާ މެދުވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އެއީ އައި.އެސް.އޭ ގެ މެންބަރުން ނޫން ފަރާތްތަކުން ކަނޑުގެ ސަރަހައްދުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އައި.ޓީ.އެލް.އޯ.އެސް) ގެ ލަފައަކަށް އެދުމަށް ހުށަހެޅުނު ހުށަހެޅުމެކެވެ.
ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ވަނުއާޓޫ އިން ވަނީ އައި.އެސް.އޭ އިން ނިންމާ ނިންމުންތަކަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި ގަރާރެއް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި ސައިންޓިފިކް މައުލޫމާތުގެ މަދުކަން ފާހަގަކޮށް، އެކަންކަން ދެނެގަތުމަށްޓަކައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ހިމަނާފައިވެއެވެ. ނަމަވެސް، މި ހުށަހެޅުމާމެދު އިތުރަށް މަޝްވަރާކުރުމަށް އެސެމްބްލީން ވަނީ ފަސްކޮށްފައެވެ.
