އައްޑޫ ސިޓީގެ ނޭޗަރ ޕާކުތައް މަރާމާތުކޮށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
އައްޑޫ ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ ތާޒާ މަޢުލޫމާތު ހިއްސާކުރަމުން ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސް މަސައްކަތަށް ބޭނުންވާ ސާމާނާއި މުވައްޒަފުންނާއެކު މޮބިލައިޒްވެފައެވެ. މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، ސައިޓް ޑީމާކޭޝަން ނިންމުމުގެ އިތުރުން، މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތައް ވެސް މިހާރު ވަނީ އެ ސަރަޙައްދުތަކުގައި ހަރުކުރެވިފައެވެ.

މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް (GFCR) އަދި އޮސްޓްރޭލިއަން އެއިޑް (AUS AID) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ރާއްޖޭގައި ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (UNDP) ގެ ބެލުމުގެ ދަށުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، މި ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.

އައްޑޫ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ. މަސައްކަތް ފެށިގެން ބާރުމިނުގައި ކުރިއަށްދާއިރު، މީގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
