މ. ކޮޅުފުއްޓާއި ތ. ވިލުފުށީގެ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް މިނިސްޓްރީން ބަލައިފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ވޯޓާ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓުގެ ވަފުދަކުން މ. ކޮޅުފުއްޓާއި ތ. ވިލުފުއްޓަށް ރަސްމީ ދަތުރުފުޅެއް ކޮށްފިއެވެ.

މި ދަތުރަކީ އެ ދެ ރަށުގައި އަލަށް ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ނިޒާމު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްދާ މަސައްކަތްތައް ބަލައި ފާސްކުރުމަށް ކުރި ދަތުރެކެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ޕްރޮޖެކްޓް މެނޭޖަރު އައިމަން އިސްމާއިލް އެވެ. އޭނާގެ އަރިހުގައި ސިވިލް އިންޖިނިއަރު މުޙައްމަދު ޢަބްދުލްލަޠީފާއި ޕްރޮޖެކްޓް ކޯޑިނޭޓަރު ޔާމީން އަޙްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ވަފުދުގެ ބޭފުޅުން ވަނީ ދެ ރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، އަވަސް މުއްދަތެއްގައި މަސައްކަތް ނިންމާލެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ހައުސިންގ ޔުނިޓްތަކުގައި މީހުން އާބާދުވުމަށްޓަކައި، އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ނިންމުމުގެ މުހިންމުކަން މިނިސްޓްރީގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ދެމެހެއްޓެނިވި ނަރުދަމާގެ ނިޒާމެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތްތައް ނިމުމުން، ދެ ރަށުގެ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
