logo
banner image

ވޯލްޑް ބޭންކުގެ ކަންޓްރީ މެނޭޖަރާއެކު މިނިސްޓަރު ޢަލީ ޝަރީފް މަޝްވަރާކުރައްވައިފި

މިނިސްޓަރު އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީ އޮނަރަބަލް އަލީ ޝަރީފް، ވޯލްޑް ބޭންކުން ދިވެހިރާއްޖެއާއި އޮޅުދޫކަރައަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ގީވޯގް ސަރްގްސްޔަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބޭންކުން މިހާރުވެސް ދެމުންގެންދާ އެހީތެރިކަން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް ހަކަތައިގެ ދާއިރާއާއި، ރާއްޖޭގެ ތަރައްޤީގެ ޕްލޭންތަކަށް ބޭނުންވާ މުހިންމު ކަންކަމުގައި ވޯލްޑް ބޭންކުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ވޯލްޑް ބޭންކާއެކު އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައެވެ. މިގޮތުން، މުސްތަޤުބަލުގައި ވޯލްޑް ބޭންކުގެ އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ދެނެގަނެ، އެ ކަންކަމުގައި އެ ފަރާތުގެ އެއްބާރުލުން ލިބޭނެ ގޮތްތަކަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.