logo
banner image

ފުވައްމުލައް ސިޓީގެ ކަރަންޓާއި ކުނީގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓަރު ޢަލީ ޝަރީފް ކައުންސިލާ މަޝްވަރާކުރައްވައިފި

ފުވައްމުލައް ސިޓީގެ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ހުރި މުހިންމު ކަންބޮޑުވުންތަކާ ގުޅޭގޮތުން، މިނިސްޓަރު ޢަލީ ޝަރީފް، އެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، އެ ސިޓީއަށް ކުރިމަތިވެފައިވާ ކުނި މެނޭޖުކުރުމުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުންނެވެ. މިނިސްޓަރު ޢަލީ ޝަރީފް ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ކައުންސިލާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުގައި ތިމާވެއްޓާ ރައްޓެހި ކެމިކަލް ބޭނުންކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ކައުންސިލް މެންބަރުން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން، އެ ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެން، ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެއްވިއެވެ.

މި ބައްދަލުވުމަކީ ފުވައްމުލައް ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުނު މުހިންމު ބައްދަލުވުމެކެވެ.