logo
banner image

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ސީނިއާ އޮފިޝަލުންގެ ތިންވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ބާއްވާ "މޯލްޑިވްސް–އޮސްޓްރޭލިއާ ސީނިއާ އޮފިޝަލްސް ޓޯކްސް" ގެ ތިންވަނަ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީން ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް މިމްރާހުއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މިމްރާހު ވަނީ، އޮސްޓްރޭލިއާއާއެކު އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ފުންކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ފަންނީ އެހީތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން ނުވަތަ ކެޕޭސިޓީ ބިލްޑިންގްގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި (Climate Action) ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިމްރާހު އަލިއަޅުއްވާލެއްވިއެވެ.

ސްޓޭޓް މިނިސްޓަރ މިމްރާހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ ދެ ގައުމުގެ ހިއްސާވާ އިސްކަންދޭ ކަންކަމުގައި ކުރިއެރުންތައް ހޯދައި، މުސްތަގުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ކެތްތެރި އަދި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.