ސްރީލަންކާގެ ވަފުދަކާއެކު ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒް ބައްދަލުކުރައްވައިފި
ސަރަޙައްދީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ސްރީލަންކާގެ ވަފުދަކާ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން ވަައިލްޑްލައިފް މެނޭޖްމަންޓް ނުވަތަ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

ސްރީލަންކާ ކޮރަލް ރީފް އިނީޝިއޭޓިވް (SLCRI) ގެ ދަށުން ކުރިއަށްދާ މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް މުއައްސަސާީ ގުޅުންތައް ވަރުގަދަކުރުމެވެ. އަދި ފަންނީ ގޮތުން އެއްބާރުލުން ދިނުމާއި، މުރަކައިގެ ފަރުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވުން ހިމެނެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމާއި "ބްލޫ އިކޮނޮމީ" ނުވަތަ ނޫ އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެކެވެ.
