ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
ކަނޑުއޮތްގިރިން މިއަދު ވަނީ މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ.
މިފްކޯއިން ކަނޑުއޮތްގިރީގައި ގާއިމްކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓުން މިހާރު މަސްވެރިންނަށް އައިސް ލިބޭނެއެވެ. ކަނޑުއޮތްގިރިން އައިސް ލިބުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.އަދި ޚާއްޞަކޮށް ކަންނެލި މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ކަނޑޫއޮރްގިރީގައި އައިސްޕްލާންޓު ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވާއިރު ކަނޑުއޮތްގިރީގައި މިމަހު ވަނީ ހިކިމަސް ފެކްޓަރީއެއް ވެސް ހުޅުވާފައެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 9500 މެޓްރިކް ޓަނުން 25000 ޓަނަށް އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
