logo
banner image

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ހޯމަ ދުވަހު ހެނދުނު ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު 2022ވަނަ އަހަރު ބިންގާ އަޅައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަކްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ވިލަރެސްކޮށްގެން ހެދި އިމާރާތެކެވެ. އަދި މި އިމާރާތުން ދެވޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ޤާއިމުކުރެވިފައިވެއެވެ. މި އިމާރާތާ އެކު، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުވެ، ކުއްލި ޙާލަތްތަކުގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚާއްޞަ ތަމްރީނުތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ގެ މައިގަނޑު އެއް ސިނާއަތަށް ވީހިނދު، މަސްވެރިކަމުގައި ކަނޑުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިލާންޖެހޭލެއް ގިނައެެވެ. އެހެންކަމުން މިއިމާރާތް ވެގެންދާނީ، ދިވެހިރާއްޖޭގެ ސަރޗު އެންޑް ރެސްކިޔު ރީޖަންގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައާއި އަދި ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމަކަށެވެ.