ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ރާއްޖޭން ވަކާލާތުކުރަނީ
ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުން 2026 ޖުލައި 27 އިން އޮގަސްޓް 1 ގެ ނިޔަލަށް ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތަކަށް ނުވަތަ 'ސިޑްސް' (SIDS) އަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަކާލާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މައިގަނޑު އަމާޒަކީ ކޮންވެންޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި، ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަ ގޮނޑިތަކެއް ކަށަވަރުކުރުމެވެ. މިއީ މިފަދަ ނިންމުންތައް ނިންމާ މަރުޙަލާގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާ ކޮންޒަވޭޝަން ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ރިވިއުކުރާ މަރުޙަލާގައި، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ އަމާޒުތައް ހިމެނުމަށް ރާއްޖޭން ބާރުއަޅާނެއެވެ. އަދި ތިމާވެށީގެ ކަންކަން މޮނިޓަރކޮށް ރިޕޯޓްކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެކެވެ.
ރާއްޖޭން މި ބައްދަލުވުމުގައި ވަކާލާތުކުރާނެ އަނެއް މުހިންމު ކަމަކީ، ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، އެފަދަ ސައިންޓިފިކް މަޢުލޫމާތުތަކަކީ ހުރިހާ ޤައުމުތަކަށް ފަސޭހައިން ލިބޭނެ މަޢުލޫމާތުތަކަކަށް ހެދުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މި ބައްދަލުވުމަކީ ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
