މިނިވަން ރަން" ނަމުގައި ޚާއްޞަ ދުވުމެއް ބާއްވައިފި
ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަން މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، ފުރަތަމަ ފަހަރަށް "މިނިވަން ރަން" ނަމުގައި ދުވުމެއް ބާއްވައިފިއެވެ.
ހުޅުމާލޭ ފޭސް 2 ގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ "މިނިވަން ރަން" ފަށްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މިނިވަން ރަންގައި ބައިވެރިވެ 5 ކިލޯމީޓަރުގެ ދުވުން ނިންމި ކޮންމެ ބައިވެރިއަކަށް، މިނިވަން ރަންއާ ގުޅޭ ޚާއްޞަ ބެޖެއް ދީފައިވެއެވެ. މި ބެޖު އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ވަޒީރާއި ވީރަން މޯލްޑިވްސްގެ ފަރާތުންނެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ވީރަން މޯލްޑިވްސް ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ފެމިލީ ރޫމް ހުރި ސަރަހައްދުން ފެށި މި ދުވުމަކީ 5 ކިލޯމީޓަރުގެ ދުވުމެކެވެ. މިއީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އެއްބައިވަންތަކަން އާލާކޮށްދިން ވަރަށް ޚާއްޞަ ހަރަކާތެކެވެ. އަދި މިއީ މިނިވަންކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތަކާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
-1785169974327.webp)