އެމްއާރުސީސީގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެކަމަށް ޓަކައި މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ރަސްމިއްޔާތުގެ މައިދާނުން، އެމަނިކުފާނުގެ ޝަރަފުގައި އެރައިވަލް ކޯލާއެކު އޮނަގާރޑެއް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި، އެމްއާރުސީސީގެ އައު އިމާރާތުގެ ނަން ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ "އެމްއާރުސީސީ އޮޕްސްރޫމް" ބައްލަވާލައްވައި، ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އެމްއާރުސީސީ އިމާރާތުގެ ގޯތިތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަހެއް އިންދަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި ސިޔާސަތަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސިޒް އިޝިގާމީ ރޫމީކޯއާއި ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ، ހައޮ ޒެންގ އަދި ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.
މިއަދު ހުޅުއްވައިދެއްވި މި އިމާރާތަކީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާ އެކު 2022ވަނަ އަހަރު ބިންގާ އަޅައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަކްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ވިލަރެސްކޮށްގެން ބިނާކުރި އިމާރާތެކެވެ. އަދި މި އިމާރާތުން ދެވޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ޤާއިމުކުރެވިފައިވެއެވެ. މި އިމާރާތާ އެކު، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުވެ، ކުއްލި ޙާލަތްތަކުގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚާއްޞަ ތަމްރީނުތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ ޚިދުމަތް ފަށާފައިވަނީ، 1998 ވަނަ އަހަރު "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް" (ޖީއެމްޑީއެސްއެސް)ގެ ނިޒާމު ރާއްޖޭގައި ގާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ދިފާޢީ ވުޒާރާއާ ޙަވާލު ކުރެވުމާ އެކުއެވެ. މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި 2003ވަނަ އަހަރު ވިލިމާލޭގައި އިމާރާތެއް ބިނާކޮށް، "ޖީއެމްޑީއެސްއެސް އޮޕަރޭޝަން ސެންޓަރ"ގެ ނަމުގައި 2006 ޖަނަވަރީ 1ވަނަ ދުވަހު އިފުތިތާހުކުރެވިގެން ދިޔައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ސަރޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެ ދަށުން ހުރިހާ މަސައްކަތެއް ވިލަރެސްކުރުމުގެ ބޭނުމުގައި 2012 ޖުލައި 27ވަނަ ދުވަހު، މި މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ"ގެ ނަމަށް ބަދަލުކުރައްވާފައި ވެއެވެ. އަލަށް މި އިފުތިތާހުކުރެވުނު އިމާރާތް ވެގެންދާނީ، ދިވެހިރާއްޖޭގެ ސަރޗު އެންޑް ރެސްކިޔު ރީޖަންގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައާއި އަދި ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމަކަށެވެ.
މި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޚިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ މުޙައްމަދު ސަލީމްގެ އިތުރުން، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ބޭރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
