logo
banner image

މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން "މިނިވަންކަން" ނަމުގައި މިޔުޒިކަލް ޑިސްޕްލޭއެއް ހުށަހަޅައިދީފި

ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މައިދާނީ ކުޅިވަރުގެ ތެރެއިން، އެމްއެންޑީއެފުން "މިނިވަންކަން" ނަމުގައި ޚާއްޞަ މިޔުޒިކަލް ޑިސްޕްލޭއެއް ހުށަހަޅައިދީފިއެވެ.

މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މި ހަރަކާތުގައި އެމްއެންޑީއެފުން ހުށަހަޅައިދިން ޑިސްޕްލޭގައި ސިފަކޮށްދީފައިވަނީ، ޒަމާނުއްސުރެ ދިވެހީން މިނިވަންކަމާއި އަމާންކަމުގައި ދިރިއުޅެމުން ދަނިކޮށް، މީލާދީން 12ވަނަ ޤަރުނުގެ ތެރޭގައި މި ސަރަހައްދުގައި އޭރު އޮތް ބާރުގަދަ ރަސްކަމަކުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރަން ކުރި މަސައްކަތްތަކުގެ ތާރީޚީ ހާދިސާއެވެ. އަދި، މީލާދުން 1121އިން 1142އަށް ދިވެހި ތަޚުތުގައި ރެދަލިކުރެއްވި ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި، ދިވެހި ލަޝްކަރުން ނުކުމެ އެބައިމީހުން ހިފައިގެން ތިބި ރާއްޖޭގެ ދެ އަތޮޅު އަނބުރާ ހޯދައި، ދިވެހީންނަށް މިނިވަންކަމުގެ އުފާ ހޯއްދަވައިދިން ތާރީޚީ ކާމިޔާބީ މި ޑިސްޕްލޭގައި ވަނީ ސިފަކޮށްދީފައެވެ.

މި މިޔުޒިކަލް ޑިސްޕްލޭއަކީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ލަފާފުޅާ އެކު އެކުލަވާލި ޚާއްޞަ ކޮންސެޕްޓަކަށް ތައްޔާރުކޮށް އެމްއެންޑީއެފުން ހުށަހަޅައިދިން ޑިސްޕްލޭއެކެވެ. ޖުމްލަ 80 ސިފައިން ބައިވެރިވި މި ހުށަހެޅުމުގައި 15 އަންހެން ސިފައިން ވެސް ޢަމަލީގޮތުން ބައިވެރިވެފައިވެއެވެ.

މިރޭގެ ޑިސްޕްލޭ ބައްލަވާލެއްވުމަށް ޖުމްހޫރީ މައިދާނަށް ޖަމާވި ގިނަ ބައެއްގެ ތަރުހީބު، މި ހުށަހެޅުމަށް ވަނީ ލިބިގެންގޮސްފައެވެ.