logo
banner image

މިނިވަން ދުވަހުގެ މުނާޞަބަތުގައި، އަސްކަރީ ހިނގާލުން މާލޭގައި ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 61ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި، ދިވެހި ސިފައިންގެ އަސްކަރީ ހިނގާލުން ރޭ މާލޭގައި ބާއްވައިފިއެވެ.

މި އަސްކަރީ ހިނގާލުން ފެށިގެން ދިޔައީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މައިދާނީ ހަރަކާތްތައް ފެށުމުގެ ގޮތުން، ލަޝްކަރުގެ މެހިތަރު، ކާނަލް މުޙައްމަދު ނާޡިމް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ރިޕޯޓްކުރުމަށް ފަހުއެވެ.

މިރޭ ޖުމުހޫރީ މައިދާނުން ފެށި އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމައެއް ބައިވެރިވިއެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ވަނީ ދައްކާލާފައެވެ.

މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި ހުއްޓިފައިވެއެވެ. އެގޮތުން، މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމަތީގައި މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. މި ހިނގާލުން ނިންމާލީ ކަޅުތުއްކަލާކޮށްޓަށެވެ.