ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފި
މިނިވަންކަމަށް 61 އަހަރު ފުރޭ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.
ޒުވާނުންގެ މަރުކަޒުގައި މިއަދު 09:00 ގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ. މީގެ އިތުރުން 04 ފަރާތަކަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ވަނީ އަރުވާފައެވެ. އެފަރާތްތަކަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، އެރުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެއަށްފަހު މިނިވަން ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ރިޕޯޓެއް މިޖަލްސާގައި ވަނީ ދައްކާފައެވެ.
މި ޖަލްސާގެ ޚާއްޞަކަމެއްގެ ގޮތުގައި ހިމެނިގެން ދިވެހި ބަހުގެ އެކެޑަމީއިން ޝާއިޢުކުރައްވާ ފަތްތޫރައިގެ ޚާއްޞަ އަދަދު ވަނީ ނެރެދެއްވާފައެވެ. ފަތްތޫރައިގެ ޚާއްޞަ އަދަދު ނެރެދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފަތްތޫރައިގެ ޚާއްޞަ އަދަދު އަރުވާފައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ. އަދި މިޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ 66 ފަރާތަކަށް ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިޖަލްސާ ނިމިގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ދިދައަށް ޢިއްޒަތްދިނުމާއެކު ޤައުމީ ސަލާމުންނެވެ. ދިވެހި ދިދައަށް ޢިއްޒަތް ދިނުމާއި ޤައުމީ ސަލާމް ރާގު ކުޅުނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންނެވެ.
މިޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި ޢިއްޒަތްތެރި މަޖިލިސް މެމްބަރުންނާއި ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން އަދި ސަރުކާރު ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން ދަޢުވަތު ދެވިގެން ވަޑައިގެންނެވި ގިނައަދަދެއްގެ ބޭފުޅުންނާއި ބޭކަނބަލުން ވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
-1785094466451.webp)