މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ބާއްވައިފި.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ބާއްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވުނު ހަރަކާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ސަޢުދީ ޢަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ވަޑައިގެންނެވުމުން އިސްތިޤުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.
މި ރަސްމިއްޔާތު ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ކުރުނީސް އަށީގައި ލަޝްކަރާ ކުރިމަތިލައްވައި ހުއްޓިވަޑައިގަތުމުން، އެމްއެންޑީއެފުން އެރުވި ރިޔާސީ ކުރުނީހާއެކުގައެވެ. ރިޔާސީ ކުރިނީހަށްފަހު 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ފެށިގެން ދިޔައީ ހެވިކަމާއި ޝަރަފުގެ ހިނގާލުމުންނެވެ. ސިފައިންގެ ލަޝްކަރަށްފަހުގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން ކުރިއަށްގެންދިޔައެވެ.
މިނިވަން ދުވަހުގެ މައިދާނީ ކުޅިވަރުތައް ފެށިގެން ދިޔައީ ސްކޫލްތަކުގެ އައިޓަމްތަކުންނެވެ. މިގޮތުން ތިން ސްކޫލެއްގެ ހުށަހެޅުން ފެނިގެންދިޔައިރު އެއީ އިސްކަންދަރު ސްކޫލާއި ރެހެންދި ސްކޫލާއި އަދި ޝަހީދު ޢަލީ ސްކޫލެވެ. އޭގެ ފަހުގައި ހޭވައްލާ ބޮޑުބެރު ގްރޫޕްގެ ސަގާފީ އައިޓަމެއް ފެނިގެން ދިޔައެވެ. އެންމެ ފަހުން ގެނެސްދީފައި ވަނީ އެމްއެންޑީއެފްގެ އައިޓަމެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްކޫލް ދަރިވަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ހަވާގެ ކުޅިވަރާއެކު ރައީސުލްޖުމްހޫރިއްޔާ މައިދާން ދޫކޮށް ވަޑައިގެންނެވުމުންނެވެ.
