ޤައުމެއްގެ ބަހާއި އަދަބިއްޔާތަކީ އެބައެއްގެ ޤައުމިއްޔަތު އިއުލާނުކުރެވޭ ވަސީލަތެއް: ވަޒީރު ހީނާ ވަލީދު
ޤައުމެއްގެ ބަހާއި އަދަބިއްޔާތަކީ އެބައެއްގެ ޤައުމިއްޔަތު އިއުލާނު ކުރެވޭ ވަސީލަތެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވި ފަތްތޫރައިގެ
ޚާއްޞަ އެޑިޝަންގައި ޝާއިޢުކުރި ޚިޠާބުގައެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ނެރެދެއްވި ފަތްތޫރައިގެ މިޚާއްޞަ ނަންބަރުގެ ޚިޠާބުގައި ވަޒީރު އިތުރަށް ވިދާޅުވީ، ބަހާއި އަދަބިއްޔާތަކީ މުޖުތަމަޢުގެ ހާލު ބަޔާންކުރެވޭ އަޑުގެ އިތުރުން ޤައުމެއްގެ ފިކުރާއި އިހުސާސްތައް ޖަމާކުރެވޭ ރަމްޒު ކަމަށެވެ.
ފަތްތޫރައިގެ އަޑަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ އިހްތިރާމާއި ޤަދަރު ލިބިގެންވާ އަޑެއްކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ފަތްތޫރައިގެ ބަހަކީ އެއަށް ހަވާލާދެވޭ އިތުބާރު ހުރި ބަހެއް ކަމަށާއި ބަހާއި އަދަބުގެ ޢިލްމުގައްޔާއި މި ފަންނުގެ އުފެއްދުންތެރިކަމާއި މަގުދެއްކުމުގައި ފަތްތޫރައިގެ ދައުރު ތަނަވަސް ވެފައިވާކަމަށެވެ. އެހެންކަމުން ފަތްތޫރަވެފައި ވަނީ އެތައް ބައެއްގެ ހިތުގެ އެކުވެރިޔާ ކަމަށާއި ހަވާލާދޭ ރިފަރެންސެއް ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހަރުދަނާ ގިޔަމުތަކާއި އުސޫލުތަކުގެ ދަށުން މުޖުތަމަޢެއް ބައްޓަންކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ އެއްޗަކީ އެބައެއްގެ ތެރެއަށް ދޫކުރެވޭ ލިޔެކިޔުންތަކުންކަން ފާހަގަކުރައްވައި ވަޒީރު ހީނާ ވަލީދު ވިދަޅުވީ، ފަތްތޫރައިގެ ސަފްޙާތައް ހުޅުވިފައި ވަނީ ހަޔާތުގެ ޙަޤީގަތްތަކާއި އިންސާނީ ފިކުރުން ވިސްނަން މަޖުބޫރު ކުރުވާ ލިޔުންތަކުން ކަމަށެވެ. ފަތްތޫރައިގެ ރަންޒަމާން އަލުން ގެނައުމުގެ މަޤްޞަދުގައްޔާއި އަދި ޤައުމިއްޔަތު އަނބުރައި އިޔާދަކުރުމުގެ ބޭނުމުގައި ފަތްތޫރައާއިންގެ "އިހު އުޅުނު ތަނަވަސްވި، ގުލްޒާރަށް" ވަނުމަށްޓަކައި ލިޔުންތެރިންނާއި ނަގާކިޔާ މުޖުތަމަޢަށް ވަޒީރު ހީނާ ވަލީދު ވަނީ ދަޢުވަތު އަރުއްވާފައެވެ.
