logo
banner image
ޚާރިޖީ ވުޒާރާ

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހަށް މިޞްރުގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާދެލް އިބްރާހިމް، ޚާރިޖީ ވަޒީރު އިރުތިޝަމް އާދަމްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރުއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިޞްރުގެ ސަފީރު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތަށް، ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، މިޞްރު ސަރުކާރުން ތަޢުލީމީ ދާއިރާއިންނާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް، އަދި ޚާއްސަކޮށް އަލްއަޒްހަރު ޔުނިވަރސިޓީ މެދުވެރިކޮށް ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ.

މިޞްރުގެ ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، މިޞްރުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޑރ. ޢަބްދުﷲ ޝިހާމް ޙަސަން، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ އަލްފާޟިލާ ފާތިމަތު ލަޔާނާ އިޙުސާން ބައިވެރިވެވަޑައިގެންނެވިއެވެ.