ލާއޯސް އިން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި
ލާއޯސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ވިތަޔާ ޒަޔަވޮންގް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ލާއޯސްގެ އައު ސަފީރަށް އެކަމަނާގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ލާއޯސްއާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ލާއޯސްއަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ.
މިނިސްޓަރ އިރުތިޝާމްގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، އާމިނަތު ޝަބީނާ، ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަހީބު އަދި އެސިސްޓަންޓް ޑިރެކްޓަރ އައިޝަތު ޖުމާނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
