ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑަށް ޕްރޮޕޯޒަލް ތައްޔާރުކުރުމުގެ ދެވަނަ މަސައްކަތު ބައްދަލުވުން ބާއްވައިފި
ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑަށް (ޖީ.ބީ.އެފް.އެފް) ހުށަހަޅާ މަޝްރޫޢުގެ ޕްރޮޕޯޒަލް ތައްޔާރުކުރުމަށް ބާއްވާ ކަމާބެހޭ ފަރާތްތަކުގެ ދެވަނަ މަސައްކަތު ބައްދަލުވުން 2026 ޖުލައި 22 ވީ ބުދަ ދުވަހު ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އދ. އަތޮޅުގެ ފަސް ރަށަކުންނެވެ. އެއީ މަހިބަދޫ، އޮމަދޫ، ކުންބުރުދޫ، ހަންޏާމީދޫ އަދި ދަނގެއްޗެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ތައްޔާރުކުރާ ޕްރޮޕޯޒަލްގައި ހިމަނާނެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި މަޝްރޫޢުގެ މައިގަނޑު ބައިތައް ބިނާވެފައިވަނީ ދެކުނު އަރިއަތޮޅުގެ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ސަރަހައްދުތައް ބެލެހެއްޓުމަށެވެ. އެގޮތުން، "އީކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް" ނުވަތަ ގުދުރަތީ ނިޒާމުތަކަށް ބިނާކޮށް ސަރަހައްދުތައް ބެލެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް މި މަޝްރޫޢުގައި އިސްކަންދީފައިވެއެވެ.
މީގެ އިތުރުން، އެކުލަވައިލެވޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އަދި އިންސާނީ ވަސީލަތްތައް ބިނާކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ. މީގެ ސަބަބުން ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށާއި، ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. ބައްދަލުވުމުގެ ބައިވެރިން ވަނީ އެ ރަށްރަށުގެ ތިމާވެށީގެ ހާލަތާއި، ރައްކާތެރިކުރަންޖެހޭ ސަރަހައްދުތަކާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
