logo
banner image

ފިއްލަދޫގެ ޓޫރިޒަމް ޒޯނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. ފިއްލަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓޫރިޒަމް ޒޯނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފް، ކަމާގުޅޭ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފްގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފިއްލަދޫގައި ތަރައްޤީކުރުމަށް ރޭވިފައިވާ ޓޫރިޒަމް މަޝްރޫޢަށް ބޭނުންވާ އަސާސީ ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗަރ ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. މިގޮތުން، ރަށުގެ ތަރައްޤީއަށްޓަކައި އިތުބާރު ހިފޭ، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

ފިއްލަދޫގެ ޓޫރިޒަމް ޒޯނަކީ އެ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު މަޝްރޫޢަކަށް ވާއިރު، މި މަޝްރޫޢު ފެށުމުގެ ކުރިން ބޭނުންވާ ތިމާވެށީގެ ރައްކާތެރިކަމާއި އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ. މި ބައްދަލުވުމަކީ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުމާއި އަމަލީ މަސައްކަތް ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.