logo
banner image
ޚާރިޖީ ވުޒާރާ

ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ އެލެކްސް ލުނިޔާޒޯ ޓުކުހުޕްވެލޭ، ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ނެމީބިޔާގެ ސަފީރަށް މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކުރިމަގުގައި މިގުޅުން އިތުރަށް ފުޅާކުރުމަށް ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށް މިބައްދަލުކުރެެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން، އެފްރިކާގެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މިބައްދަލުވުން ނިންމަވާލައްވަމުން ދިވެހިރާއްޖެއަށާއި ނެމީބިއާއަށް ފައިދާހުރި ކަންކަމުގައި އެކުއެކީގައި މަސައްކަތްކުރުމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޑރ. ޢަބްދުﷲ ޝިހާމް ޙަސަން، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، އަދި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.