logo
banner image
ޚާރިޖީ ވުޒާރާ

ކިއުބާއިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ކިއުބާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލަންސީ ޕެޓްރީޝާ ލަޒާރާ ޕެގޯ ގުއެރާ އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހެނދުނު ކުރައްވައިފިއެވެ.

ވަޒީރު އިރުތިޝާމް ވަނީ ސަފީރު ޕެޓްރީޝާ ލަޒާރާ ޕެގޯ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު އެރުވުމުން އެ ކަމަނާ އަށް ތަހުނިޔާ ވިދާޅުވެފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސަފީރު ޕެޓްރީޝާ ލަޒާރާ ޕެގޯ ގުއެރާ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ކިއުބާ އާއި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރާއި ކިއުބާ ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަޒީރު އިރުތިޝާމް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންނެވިއެވެ.