ފ. އަތޮޅުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން "ކޮލަބަރޭޓިވް ފަޔަރފައިޓިންގ އެވެއަރނަސް" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ފ. އަތޮޅުގެ ރަށްތަކުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން "ކޮލަބަރޭޓިވް ފަޔަރފައިޓިންގ އެވެއަރނަސް" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓާއި، ފ. ނިލަންދޫ ފަޔަރ ސްޓޭޝަނާއި، ފ. އަތޮޅު ޕޮލިސް އަދި ފ. ނިލަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޖުލައި 13އިން 21އަށް ކުރިއަށްދިޔަ މި ޕްރޮގްރާމް، ފ. އަތޮޅުގެ ނިލަންދޫ، މަގޫދޫ، ބިލެއްދޫ، ފީއަލި އަދި ދަރަނބޫދޫގައި ވަނީ ހިންގާފައެވެ. މުޅި އަތޮޅުގެ ތަފާތު މުއައްސަސާތަކުން ޖުމްލަ 192 ބައިވެރިން މި ޕްރޮގްރާމް ފުރިހަމަކޮށްފައި ވާއިރު، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ މުހިންމު މައުލޫމާތުތަކެއް ވަނީ އުނގަންނައިދީފައެވެ. އެގޮތުން މި ޕްރޮގްރާމްގައި، ފަޔަރ ސަރވިސްގެ ތާރީޚާއި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ރޯވާގޮތް އަދި ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތްތަކާއި އަލިފާނުގެ ތަފާތު ކްލާސްތަކާއި، އަލިފާންނިވި (ފަޔަރ އެކްސްޓިންގުއިޝަރ)ގެ ވައްތަރުތަކާއި، އެ ތަކެތި ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތުގެ އިތުރުން އާންމުކޮށް ގޭގޭގައި ބޭނުންކުރާ ކައްކާ ގޭހުން ރައްކާތެރިވުމާ ގުޅޭގޮތުން އަމަލީ އަދި ތިއަރީ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވައި، އަމަލީ ބައިތައް ކުރިއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ތަޖުރިބާކާރު ފަޔަރފައިޓަރުންނެވެ.
-1784707593389.webp)