logo
banner image

ލޯންޗެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓުން ހަރަކާތްތެރިވެއްޖެ

ހދ. ހަނިމާދޫ ބަނދަރު ބޭރުތޮށީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓުގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓަށް ލިބިފައިވަނީ ރޭ 00:15 ހާއިރުއެވެ. މައުލޫމާތު ލިބުމާ އެކު، ހަނިމާދޫ ޕޯސްޓުގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން، ލޯންޗުގެ ވެރިފަރާތާއި، ރަށުގެ އާންމުން އަދި ސިފައިންގެ އެހީތެރިކަމާ އެކު ކުރި މަސައްކަތުން ލޯންޗުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 00:45 ހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ދަތުރަށް ފުރުމަށްޓަކައި ލޯންޗުގެ އިންޖީނު ސްޓާޓްކުރި ވަގުތު އިންޖީނުގައި އަލިފާން ރޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ލޯންޗުގެ ކެޕްޓަން ފިހި، އެކި ވަރުގެ އަނިޔާތައް ލިބިފައިވުމާ އެކު، ހަނިމާދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.