logo
banner image

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ރ. ރަސްމާދޫގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން، ރ. ރަސްމާދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއި، ރަސްމާދޫ ކައުންސިލް އިދާރާގެ އިތުރުން ކަމާގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި މިނިސްޓަރ އަލްފާޟިލް ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން، ރަށުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމާދޫގައި ބޭއްވުނު މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރަށް ފެހިކުރުމާއި، މޫސުމީ ބަދަލުތަކުން ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ފެންވަރުގެ މި މަޝްރުޢޫގައި އެ ރަށުގެ ބައިވެރިވުން އިތުރުކުރުމެވެ. މި ހަރަކާތުގެ ތެރެއިން އެ ރަށުގައި ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ ތަފާތު ބާވަތްތަކުގެ ގަސްތައް ވަނީ އިންދާފައެވެ.

މި ހަރަކާތުގައި މިނިސްޓަރުގެ އިތުރުން، ރަސްމާދޫ ކައުންސިލްގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމެވެ.