logo
banner image

އދ. ދިގުރަށުގައި ސަމްޕާ ގައިޑް އިމްތިހާނު ބާއްވައިފި

ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު (ސަމްޕާ) ބެލެހެއްޓުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ތަމްރީނުކުރާ ގައިޑުންނަށް އަމާޒުކޮށްގެން ބާއްވާ "ސަމްޕާ ގައިޑް އިމްތިހާނު" އދ. ދިގުރަށުގައި ރޭ ބާއްވައިފިއެވެ.

މި އިމްތިހާނާއި ތަމްރީނު ސެޝަންގައި ޖުމްލަ 35 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 29 ގައިޑުން ވަނީ ސަމްޕާ ގައިޑް އިމްތިހާނުގައި ބައިވެރިވެ، އިމްތިހާނު ފުރިހަމަކޮށްފައެވެ.

ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، މި ސަރަޙައްދުގައި އުޅަނދުފަހަރު ދުއްވާއިރު ކަނޑުއަޑީގެ ދިރުންތަކަށް، ޚާއްޞަކޮށް ފެންމަތިމިނާއި އެންމަޑިއަށް ގެއްލުން ނުވާނެހެން ދުއްވަންޖެހޭ ބާރުމިންތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އުޅަނދު ދުއްވަންޖެހޭ މިންގަނޑުތަކަކީ:

މަޑި ނުވަތަ ވޭލްޝާކު 15 މީޓަރަށްވުރެ ކައިރީގައިނަމަ: ނިއުޓްރަލް ގިއަރުގައި ބެހެއްޓުން.

50 މީޓަރުގެ ކައިރީގައިނަމަ: ގަޑިއަކު 2 ނޮޓްސްގެ ބާރުމިނުގައި.

250 މީޓަރުގެ ކައިރީގައިނަމަ: ގަޑިއަކު 5 ނޮޓްސްގެ ބާރުމިނުގައި.

މުޅި ސަމްޕާ ސަރަޙައްދުގެ ތެރޭގައި: ގަޑިއަކު 10 ނޮޓްސްއަށްވުރެ ބާރު ނުކުރުން.

މި ތަމްރީނު ޕްރޮގްރާމުގެ އިތުރު ދެ ސެޝަނެއް މާދަމާ ރޭ އދ. ދަނގެތި އަދި އދ. މަހިބަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިފަދަ ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގައިޑުންނަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ.