ބެލްޖިއަމް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި
ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ މަކްސިމް ޕްރެވޫ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލްޖިއަމްގެ ސަރުކާރު އަދި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަނިކުފާނާއެކު މަޝްވަރާކުރުމަށް ފުރުޞަތު ލިބޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތަކަށް އެދި މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
