logo
banner image

އަމިއްލަ ޒާތުގައި ކާދަށް ބަދަލުވުން

ކުކުޅުގެ ނަޖިސް ލިބެން ހުރެފައި އެނަޖިސް ބޭނުންކޮއްގެން ކާދު ތައްޔާރުކުރުމަށް ވަގުތު ނެތްނަމަ އެންމެ ފަސޭހަ ގޮތަކީ ރައްކާތެރި (ވަހުގެ ސަބަބުން މީހުންނަށް އުނދަގޫ ނުވާނެ) ހިސާބެއްގައި ހާމަޔަށް ދޫކޮއްލާފައި ބެހެއްޓުމެވެ. އަހަރެއްހާ ދުވަސްވަންދެން މިގޮތަށް ހާމަޔަށް ބެހެއްޓުމުން ނަޖިހުގެ ތެރޭގައި ހިމެނޭ ގަހަށް ގެއްލުންދޭ ޖަރާސީމުތައް ނެތި ގޮސް، ގަހަށް ކާނާ ނަގަން އެންމެ އެކަށީގެންވާ ގޮތަށް ބަދަލުވެގެންވާނެއެވެ.

ރައްކާތެރިގޮތުގައި ކާދު ތައްޔާރުކުރުން

ކުޑަ މަސައްކަތެއް ކޮއްލައިގެން ކުކުޅުގެ ނަޖިހުން ކާދު އުފެއްދުމަށް ނަގާ މުއްދަތު 10 ހަފްތާއާއި 12 ހަފްތާގެ މުއްދަތަކަށް ދަށްކުރެވެއެވެ. ކުކުޅުގެ ނަޖިހާ އެއްވަރަށް ކީސްކުނޑި ނުވަތަ ރަށްރަށުގެ ޖަންގަލި ތެރެއިން ލިބޭ ހިކިފަތް އެއްކުރުމަށްފަހު ފުންޏަކަށްވާގޮތަށް ހާމަޔަށް ބަހައްޓާށެވެ.

އެއަށްފަހު އަބަދުވެސް ތެތްކޮށް (ގާތްގަނޑަކަށް %35 އާއި %50އާއި ދެމެދު) ބެހެއްޓުމަށްޓަކައި ޤަވާއިދުން ފެންއަޅަމުން ގެންދަންވާނެއެވެ. ނަމަވެސް ވާރޭވެހޭ ދުވަސްވަރު ވާރޭވެހި ފެން މާގިނަ ނުވާނެހެން ކާދުފުނި ރައްކާތެރިކުރަންވާނެއެވެ. ފުރަތަމަ 14 ދުވަހާއި 21 ދުވަހާއި ދެމެދު ކާދު ފުނީގެ އެތެރޭގައި 55 ޑިގްރީއަށް ހޫނު އުފެދޭކަން ޔަޤީން ކުރަންވާނެއެވެ. ކާދުފުނީގެ ހުރިހާ ސަރަޙައްދުތަކެއް އެއްވަރަކަށް ފީކުރުމަށްޓަކައި ފުރަތަމަ 14 ދުވަހާއި 21ވަނަ ދުވަހުގެ ތެރޭގައި 5 ފަހަރު ކާދުފުނި ހާވާލާ ބޭރުގައި ހުރި ބައިތައް ފުނީގެ އެތެރެއަށްވާ ގޮތަށް އެއްކޮށްލަންވާނެއެވެ. އެއަށްފަހު މަދުވެގެން 6 ހަފްތާ ވަންދެން ބަހައްޓާލާށެވެ.

ކާދު ތައްޔާރު ކުރަމުންދާއިރު އަދި ތައްޔާރުކޮށްނިމި ރައްކާކޮއްފާ ބަހައްޓާއިރުވެސް ހޫނު މާގަދަވާނަމަ ކާދުގައި ހިމެނޭ ނައިޓްރިޖަންގެ މިންވަރު ދަށްވުން އެކަށީގެންވެއެވެ.

ގެންގުޅުމާއި ރައްކާކުރުން

ކުކުޅުގެ ނަޖިހުން ތައްޔާރުކުރާ ކާދު ތައްޔާރުކުރުމަށް އެކަށީގެންވާ މުއްދަތު ދޫކުރެވި، ކިތަންމެ ރަނގަޅަށް ފީވެފައި ހުރިކަމަށް ބެލެވުނަސް އެތަކެތި ގެންގުޅުމުގައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދޭންވާނެއެވެ. ކާދު ތައްޔާރު ކުރަމުންދާއިރު ކާދު ފުނީގައި އެކަށީގެންވާ ހޫނު އުފެދޭކަން ޔަޤީން ކުރުމަށްޓަކައި ތާމޯމީޓަރއެއް ބޭނުން ކުރުން ވަރަށް މުހިންމެވެ. ކުކުޅުގެ ނަޖިސް އަދި ނަޖިހުން ތައްޔާރު ކޮއްފައިވާ ކާދު ގެންގުޅޭއިރު އަބަދުވެސް އަތަށް އަންގިއެއް ލައްވައިގެން އުޅުން ރަނގަޅެވެ.

އެހެންކަމުން ކާދު ތައްޔާރުވުމަށްފަހު ހާމަޔަށް ބެހެއްޓުމުގެ ބަދަލުގައި ޕްލާސްޓިކް ކޮތަޅަށް ނުވަތަ ގޯންޏަށް އަޅާ ބަންދު ކުރުމަށްފަހު ރައްކާތެރިކަމާއެކު ގުދަން ކުރުން މުހިންމެވެ. އެއްވެސް ސަބަބަކާ ހުރެ ކިތަންމެ ކުރު މުއްދަތަކަށްވިޔަސް ކާއެއްޗިހި ރައްކާކުރާ ގުދަނެއްގައި ކާދު ރައްކާކުރަން ބަހައްޓައިގެންނުވާނެއެވެ.

ޤުދުރަތީ ކާދު ބޭނުންކޮއްގެން ތައްޔާރުކޮއްފައިވާ ދަނޑުތަކުގައި ހައްދާފައިވާ ފަލަމަޑީގެ ބާވަތްތައް ކެއުމުގެ ކުރިން ރަނގަޅަން ތޮށި މެށުމަށް ސަމާލުކަން ދޭންވާނެއެވެ.އެފަދަ ދަނޑުތަކުގައި ހައްދާ ފަތާއި ތަރުކާރީގެ ބާވަތްތައްވެސް ކެއުމުގެ ކުރިން ރަނގަޅަށް ދޮވުން ނުވަތަ ރަނގަޅަށް ރޯފިލުވުން މުހިއްމެވެ.