ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) އަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ގައިޑުންގެ އިމްތިހާނު މާމިގިލީގައި ފަށައިފި
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) އާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމާއި، އެ ސަރަހައްދުގައި މަސައްކަތްކުރާ ގައިޑުންނަށް ބާއްވާ ހާއްސަ އިމްތިހާނުތަކެއް އދ. މާމިގިލީގައި ފަށައިފިއެވެ.

މި ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ރޭ މާމިގިލީގައި ވަނީ ބާއްވާފައެވެ. މި ސެޝަންގައި ޖުމްލަ 22 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 16 ގައިޑަކު ވަނީ "SAMPA ގައިޑް އެގްޒެމް" ފުރިހަމަކޮށްފައެވެ.
SAMPA ގައިޑުންނަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިން ގޮވައިގެންދާ، އަދި އެ ސަރަހައްދާ ގުޅޭ ގަވާއިދުތަކަށް ފަތުރުވެރިން އަހުލުވެރިކުރުވައި، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކެވެ. މި ތަމްރީނާއި އިމްތިހާނުގެ މައިގަނޑު މަގްސަދަކީ ހިމާޔަތްކޮށްފައިވާ މި ސަރަހައްދު ބެލެހެއްޓުމުގައި ގައިޑުންގެ ދައުރު ހަރުދަނާކުރުމެވެ.

މި ސަރަހައްދުގައި މަސައްކަތްކުރާ ގައިޑުންގެ ތެރެއިން އަދި މި އިމްތިހާނުގައި ބައިވެރިނުވާ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި އިތުރު ތިން ސެޝަނެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެހެންކަމުން، މި ދާއިރާގައި މަސައްކަތްކުރާ ވީހާވެސް ގިނަ ގައިޑުން މި ފުރުސަތުގެ ބޭނުން ހިފުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
