logo
banner image

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން، ވަޒީރު ހީނާ ވަލީދު އިފްތިތާޙްކޮށްދެއްވައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނޭ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އަމިއްލަ އަދި ކްލަބް ޖަމްޢިއްޔާތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި އާދަކާދަ އިޢާދަކޮށް ފެތުރުމަށްޓަކައި، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު ޚިޔާލުހޯދައި މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހުރި އިސްލާމީ ރިވެތި އަދަބު އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި ސިފަތައް އަލުން އަށަގަންނުވުމަށްޓަކައި ހިންގާ ބިޔަ މަޝްރޫޢެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ހިމެނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު އިތުރަށް ކުރިއަށްގެންދަވަމުން ވިދާޅުވީ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، ޤަދަރުކުރާ އަދި މިފަދަ ރިވެތި ސިފަތަކުން ޖަރީވެ ޒީނަތްތެރިވެފައިވާ މުޖުތަމަޢަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ރިވެތި ސިފަތައް އިތުރަށް އާލާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިމިގެންދިޔައީ ބައިވެރިވި ފަރާތްތަކުން ހުށަހެޅި ގްރޫޕް ޕްރެޒެންޓޭޝަންތަކަކުންނެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދާއި ވުޒާރާގެ އިސްވެރިންނާއި، ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލުގެ މެންބަރުންގެ އިތުރުން އަމިއްލަ އަދި ކްލަބް ޖަމްޢިއްޔާތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވިއެވެ.