logo
banner image

އިޤުތިޞާދީ ވުޒާރާއިން އަގުމަގު އެޕްލިކޭޝަން ތަޢާރަފްކޮށްފި

އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފަސޭހަކަމާއެކު ބަލައިލެވޭނެ "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ އާންމުކޮށް ގަންނަ ތަކެތީގެ ބާޒާރުގެ އެންމެ ފަހުގެ އަގުތައް ރައްޔިތުންނަށް ފަސޭހަކަމާއެކު އޮޅުންފިލުވައިދިނުމުގެ މަޤުޞަދުގައި ތަޢާރަފްކުރި ވަޞީލަތެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް، ވަކި އެއްޗެއްގެ އަގަކީ ބާޒާރުގެ ނިސްބަތުން ރަނގަޅު އަގެއްތޯ ކަސްޓަމަރުންނަށް އަމިއްލައަށް ދެނެގަނެވޭނެއެވެ. އެގޮތުން އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތައްވެސް ތަފްޞީލުކޮށް ބަލައިލެވޭނެއެވެ.

"އަގުމަގު" އެޕްލިކޭޝަނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗަރ އަކީ ދެ ރަށެއްގެ އަގުތައް ވަގުތުން ވަގުތަށް އަޅާކިޔާލެވުމެވެ. މީގެ ސަބަބުން ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. އަދި ގަންނަން ބޭނުންވާ ތަކެތީގެ އަގުތައް މޮނިޓަރކުރުމުގެ ފުރުޞަތުވެސް މި އެޕްލިކޭޝަނުން ލިބިގެންދެއެވެ. އެގޮތުން ވަކި އެއްޗެއްގެ އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން އެކަން ވަގުތުން ނޯޓިފިކޭޝަނެއްގެ މެދުވެރިކޮށް ބޭނުންކުރާ ފަރާތަށް އެނގޭނެއެވެ.

ގޭބިސީތަކުން ވިޔަފާރިކުރުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓުތައް މި އެޕްލިކޭޝަނުގައި ތައްޔާރުކޮށް ސޭވްކުރެވޭނެއެވެ. އަދި ބޭނުން ކޮންމެ ވަގުތަކު އެ ތަކެތީގެ އަދާހަމަ އަގު ބަލައިލުމުގެ އިތުރުން، މުޅި ލިސްޓަށް އަރާނެ ޖުމްލަ އަގުވެސް ބަލައިލެވޭނެއެވެ. މީގެ ސަބަބުން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި، ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދައިލެވޭނެ މަގު ވަނީ ފަހިވެފައެވެ.

މި އެޕްލިކޭޝަން މިހާރު އައިއޯއެސް އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ އިންވެސް ޑައުންލޯޑްކުރެވޭނެއެވެ.